Tuesday, April 7, 2015

އޮޅުން ފިލުވައިދިނުން ބަހާލެވޭ މައިގަނޑު ބައިތައް

އޮޅުން ފިލުވައިދިނުން ތަފާތު ބައިތަކަށް ބަހާލެވެއެވެ. އެހެންނަމަވެސް މައިގަނޑު ގޮތެއްގައި ބަހާލެވެނީ 3 ބަޔަކަށެވެ. އެއީ:
* ކޮން އެއްޗެއްކަން އޮޅުން ފިލުވައިދިނުން.
* ކިހިނެތްކަން އޮޅުން ފިލުވައިދިނުން.
* ކީއްވެގެންކަން އޮޅުން ފިލުވައިދިނުން.
މީގެ އިތުރުންވެސް ކުރިން ދެންނެވުނު ކަންކަމަށްވުރެ މުހިންމުކަން ކުޑަ 2 ބައިވެއެވެ. އެއީ "ކޮންއިރަކުކަން" "ކޮންތާކުކަން" އޮޅުންފިލުވައިދިނުމެވެ. މިބައިތަކަށް ސަމާލުކަން ދެވިގެން ރާވާލެވިގެން މުދައްރިސްގެ އުނގަންނައިދިނުން ކުރިއަށް ގެންދެވިއްޖެނަމަ ފައިދާ ހުރިކަމަކަށް ވެގެން ދާނެއެވެ. މިބައިތައް އޮޅުންފިލުވައިދޭނީ ކޮންމެހެން މަތީގައިވާ ތަރުތީބަކުން ނޫނެވެ. މިހާ ހިސާބުން އޮޅުންފިލުވައިދިނުމުގެ މައިގަނޑު 3 ބައިގެ އިތުރު ތަފުސީލަށް ބަލާލާނަމެވެ.
* ކޮން އެއްޗެއްކަން އޮޅުން ފިލުވައިދިނުން.
މިބައިގެ ތެރޭގައި ހިމެނެނީ، އެއްޗެއް، މައްސަލައެއް، ނުވަތަ އެއްޗެއްގެ ބާވަތް އޮޅުން ފިލުވައި ދިނުމެވެ.
މިސާލު: މަސްވެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި ދިނުން.
* ކިހިނެތްކަން އޮޅުން ފިލުވައިދިނުން.
މިބައިގައި ހިމެނެނީ ކަމެއް ކުރާގޮތް އޮޅުން ފިލުވައި ދިނުމެވެ.
މިސާލު: މަސްވެރިކަންކުރަނީ ކިހިނެތްކަން އޮޅުންފިލުވައި ދިނުން.
* ކީއްވެގެންކަން އޮޅުން ފިލުވައިދިނުން.
މިބައިގައި ހިމެނެނީ ކަމަކާގުޅޭ ސަބަބުތަކާ ކަމެއް މެދުވެރިވާ ހެކިތައް އޮޅުން ފިލުވައި ދިނުމެވެ.
މިސާލު: މަސްވެރިކަންކުރަނީ ކީއްވެގެންކަން އޮޅުންފިލުވައި ދިނުން.
އޮޅުންފިލުވައިދިނުމުގައި ވިސްނަންޖެހޭނެ ކަންކަން (ކޯލް އެން ޗޭން، 1999) ފާހަގަ ކުރައްވާގޮތުގައި މައިގަނޑު 8 ކަމަކަށް ނަޒަރު ހިންގާލާނަމެވެ. "ޓީޗިން އެއިޑްސް ބޭނުންކުރުން، ސުވާލާއި ޖަވާބު، މިސާލު އަދި އިދިކޮޅު، ގްރެފިކް އޯގަނައިޒާސް ބޭނުންކުރުން، ޚުލާސާކުރުން، ރިޕީޓްކުރުން، މުހިއްމު ބައިތައް ފާހަގަކުރުން އަދި ތަޖުރިބާކުރުމުގެ ފުރުޞަތު " ދަރިވަރުންނަށް ލިބިދިނުން މުހިންމެވެ.
ރަގަޅަށް އޮޅުން ފިލުވައިދިނުމުގައި ހިމެނޭ ކަންތައްތައް
ކުރިންވެސް ދެންނެވުނު ފަދައިން ސާފުވާނޭހެން ރަގަޅަށް އޮޅުން ފިލުވާދޭ ގޮތުން ދަރިވަރުންގެ އުނގެނުމަށް ހެޔޮ އަސަރާއި ނުރަގަޅު އަސަރު ކުރާނެއެވެ. އެހެންކަމުން އުނގެނުމަށް ހެޔޮބަދަލަކަށް ރަގަޅު ބުނެދިނުމަކަށް ނުވަތަ އޮޅުންފިލުވައި ދިނުމަކަށް ތިރީގައި މިދަންނަވާ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.
ހ- ވާހާ ކުރުކޮށް އޮޅުންފިލުވައި ދިނުން
ށ- އޮޅުންފިލުވައިދޭއިރު އަޑުއަހާ ހިތްޖެއްސުން
ނ- އޮޅުންފިލުވައިދޭ އެއްޗެތީގެ ތެރޭގައި ފިލާވަޅުގެ މުހިންމު ނުކުތާތައް ހިމެނުން.
ރ- އޮޅުންފިލުވައިދޭ އެއްޗެތީގެ މެދުގައިވާ ގުޅުން އަންގައިދިނުން.
ބ- އޮޅުންފިލުވައިދޭން ބޭނުންކުރާ ޖުމްލަތައް ފުރިހަމަކުރުން.
ޅ- ދަރިވަރުންގެ ފެންވަރާ އެކަށޭނަ ބަސްކޮށާރެއް ބޭނުންކުރުން.
ކ- ބޭނުންކުރާ ލަފުޒުތަކާއި ޢިބާރާތްތަކުގެ މާނަ ސާފުވުން.
އ- އޮޅުންފިލުވައިދޭ މުހިންމު ޕޮއިންޓްތަކަށް ބާރުއެޅުމުގެ ގޮތުން ތަކުރާރުކުރުން.
އެހެންކަމުން މަތީގައި ދެންނެވިފައިވާ ކަންތައްތަކަށް ބަލައިގެން ރަގަޅަށް އޮޅުން ފިލުވައިދެވިއްޖެނަމަ ދަރިވަރުންގެ އުނގެނުމަށް ހެޔޮބަދަލުތަކެއް އަންނާނެއެވެ.

ދަރިވަރުންނާއި އޮންނަ ގުޅުން – ދަރިވަރުންގެ އުނގެނުމަށް އަސަރު ފޯރުވާ މިންވަރު

މުދައްރިސަކީ ހުރިހާ ކަމެއްގައިވެސް ދަރިވަރުގެ ނަމޫނާއެކެވެ. ދަރިވަރުންނާއި މުދައްރިސަކީ ވަރަށް ގާތް ގުޅުމެއް އުފައްދަން ޖެހެއެވެ.  ދަރިވަރުންނާއި މުދައްރިސް އޮންނަ ގުޅުމުގެ ސަބަބުން ހެޔޮ އަސަރާއި ނުބައި އަސަރުތައްވެސް ކުރެއެވެ. އެހެންކަމުން ދަރިވަރުންނާއި މުދައްރިސާއި ދެމެދު ރަނގަޅު ގުޅުމެއް(ބޮންޑެއް) އޮންނަ ނަމަ ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވުމާއި މާއްދާއަށް ހިތްޖެހުން ފަދަ އުނގަންނައިދިނުމަށް ހެޔޮ އަސަރުކުރާނެއެވެ. މުދައްރިސާއި ދަރިވަރުން އޮންނަ ގުޅުން ހީނަރުވުމަކީ ކިޔެވުން މަތިން ދަރިވަރުން ފޫހިވާކަމަށް ވެދެއެވެ. އަދި މަދުންނަމަވެސް ބައެއް ދަރިވަރުން މުދައްރިސްގެ ގުޅުމުގެ ސަބަބުން ކިޔެވުމުގެ މަރުހަލާ ނިމުމަކަށް އާދެއެވެ.  އެހެންކަމުން ދަރިވަރުންނާއި މުދައްރިސާއި ދެމެދު އުނގެނުމަށް ފަހިވާނެފަދަ ރަނގަޅު ގުޅުމެއް އުފައްދަން ޖެހެއެވެ.
ސާފުކޮށް އޮޅުންފިލާނެހެން ބުނެދިނުން – ދަރިވަރުންގެ އުނގެނުމަށް އަސަރު ފޯރުވާ މިންވަރު
"އޮޅުން ފިލުވައިދިނުމަކީ އަނެކުންނަށް ސާފުކޮށް ދޭހަކޮށްދިނުމެވެ. ކިލާހެއްގައިނަމަ ކުދީންނަށް ފަސޭހައިން ވިސްނޭފަދަ ގޮތަކަށް އެއެއްޗެއް ބުނެދިނުމެވެ" (އަބްދުލްހަމީދު އަބްދުލް ހަކީމް، 2000) ރަނގަޅަށް އޮޅުންފިލުވައިދިނުމަކީ ބުނެދޭން އުޅޭ އެއްޗެއް ތަފުސީލުކޮށް ދިގުކޮށް އެއްޗެއް ބުނެދިނުމެއް ނޫނެވެ. އެއީ ވީހާވެސް ކުރުކޮށް ވިސްނަންފަސޭހަ އުނގެނުމާއި އުނގަންނައި ދިނުމުގައި ރަނގަޅަށް ސާފުކޮށް އޮޅުންފިލުވައިދިނުމަކީ މުދައްރިސެއްގެ އެންމެ މުހިންމު އެއް މަސައްކަތެވެ. މުދައްރިސް އުނގަންނައިދޭން ބޭނުންވާ އެއްޗެއް އޮޅުންފިލުވައިދޭ ގޮތުން ދަރިވަރުގެ އުނގެމުނަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ދަރިވަރުގެ މަޢުލޫމާތާއި ހުނަރާއި ޤާބިލްކަން ކުރިއަރާދިއުމުގައި އުނގެނުން ފަހުމްވުމަކީ ގިނަދުވަހަށް ހަނދާނުގައި ހަރުލެއްވުމަށް ކޮންމެހެން ބޭނުންވާކަމެކެވެ. ސާފުކޮށް އޮޅުންފިލިވަރަކަށް ޝައުޤުވެރިކަން އިތުރުވާނެއެވެ. ޝައުޤުވެރިކަން އިތުރުވި މިންވަރަކުން ދަރިވަރުން ކިޔަވާހިތްވެ ދަރިވަރުންގެ ބައިވެރިވުން ބޮޑުވެ މުދައްރިސްގެ މަޤުސަދުތައް ހާސިލްވާ މިންވަރު އިތުރުވެގެންދާނެއެވެ.
އެހެންކަމުން ސާފުވާނެހެން ރަނގަޅަށް އޮޅުންފިލުމުގައި މުހިންމު ސިފަތަކެއް އެކުލެވިގެން ވެއެވެ. މިކަންކަމަކީ ރަނގަޅު އޮޅުންފިލުވައިދިނުމުގައި ކޮންމެހެންވެސް ހުންނަންޖެހޭ އަސާސީ ސިފަތަކެވެ. އުނގަންނައިދޭން ބޭނުންވާ އެއްޗަކާއި ދަރިވަރުން އުނގެނެން ބޭނުންއެއްޗެއް ގުޅިގެން ދާނީ ކުރިން ދެންނެވުނު ގޮތަށް އޮޅުންފިލުވައި ދިނުމަށް މުދައްރިސުން ބޭނުންކުރާ އުކުޅުތަކެއްގެ މައްޗަށެވެ.

ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތް – ދަރިވަރުންގެ އުނގެނުމަށް އަސަރު ފޯރުވާ މިންވަރު

ކުލާސްރޫމަކީ ދަރިވަރުންގެ އުނގެނުމުގެ އެންމެ މުހިންމު ނާރެހެވެ. އެމާހައުލުގެ އިންތިޒާމްކަމާއި ހަރަކާތްތައް ބިނާވާ ގޮތުގެ މައްޗަށް ދަރިވަރުންގެ އުނގެނުން ފަހިވުމާއި ނުވުން ބިނާވެގެން ދެއެވެ. މި ހުރިހާ ހަރަކާތެއްވެސް އެންމެ ފުރިހަމަގޮތުގައި ގެންދިއުމަށް އެންމެ ބޮޑު އަސަރެއް ފޯރުވާ އެކަމަކީ ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތެވެ.
މުދައްރިސް ދައްކަވާ ވާހަކަ ނުވަތަ ދަރިވަރުންނާއި ކުރެވޭ މުޢާމަލާތް ސާފުވާ ވަރަށް މުދައްރިސްގެ އަޑުގެ ބާރުމިން ގެންގުޅޭން ޖެހެއެވެ.  އަދި އަޑުމަޑުކުރަންޖެހޭ ހާލަތްތަކާއި އަޑު ގަދަކޮށް ވާހަކަ ދައްކަންޖެހޭ ހާލަތްތައް ދެނެގަނެ އުނގަންނައި ދިނުމުން ދަރިވަރުންގެ އަޑުއެހުމުގެ ޝައުޤުވެރިކަން އިތުރުވެ ފިލާވަޅުގެ މަޤްސަދާއި ހަމައަށް ވާސިލުވުމަށް ހެޔޮ އަސަރުތަކެއް ކުރަމުން ގެންދާނެއެވެ. އެހެނީ މުދައްރިސްގެ ރާގު ހުންނަ ގޮތުން އަޑުއަހާހިތްނުވެ ފިލާވަޅުގެ މަތިން ފޫހިވެ ޝައުޤުވެރިކަން ގެއްލެއެވެ. އެހެންކަމުން ފިލާވަޅާއި ގުޅޭ ގޮތުން އަދި އުނގަންނައިދޭ ދަރިވަރުންނާއި އެކަށީގެންވާ ރަނގަޅު ރާގެއް ބޭނުން ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތުގައި ބޭނުންކުރެވޭ ބަހުރުވަ ނުވަތަ ބަސްމަގަކީވެސް ދަރިވަރުންގެ އުނގެނުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަމެކެވެ. އެއީ މުދައްރިސް ފިލާވަޅަށް ތައްޔާރުވާއިރުގައި ވެސް ފިލާވަޅުގައި ދައްކާނެ ވާހަކަ އާއިމެދު ހިޔާލުބަހައްޓާ ފިލާވަޅު ކާމިޔާބު ވާނީ ކޮންގޮތަކަށް ވާހަކަ ބިނާކޮށްގެން ކަމާމެދު ވިސްނުން ބަހައްޓާނެއެވެ. އެހެންކަމުން ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތަކީ އުނގެނުމަށް އެންމެ ބޮޑު އަސަރެއް ކުރާނެ އެއްކަންތަކެވެ.

މުދައްރިސުންގެ ތައްޔާރުވުމާއި އިންތިޒާމްކަން – ދަރިވަރުންގެ އުނގެނުމަށް އަސަރު ފޯރުވާ މިންވަރު

އުނގަންނައިދިނުމަށް މުދައްރިސަކު ތައްޔާރުވެފައިވާ މިންވަރާއި އިންތިޒާމްވެފައިވާ ގޮތަކީ ދަރިވަރުންގެ އުނގެނުމަށް އެންމެ ބޮޑަށް އަސަރު ކުރާނެ ކަންތަކެވެ. މިގޮތުން ކުލާސްރޫމް އިންތިޒާމްކުރުމާއި، ލެސަން ތައްޔާރުކުރުމަކީ އެންމެ މުހިންމު ކަންތައްތައްކެވެ.
ކުލާހަކީ އުނގެނުމުގެ އެންމެ މުހިންމު ދައުރު އަދާކުރެވޭ ތަނެވެ. އުނގަންނައިދޭ މަޤްސަދު ކާމިޔާބު ވުމުގެ ތަޅުދަނޑިއަކީ ރަނގަޅަށް އިންތިޒާމް ކުރެވޭ ކުލާސް ރޫމެވެ. އުނގަންނައި ދިނުމަކީ ވަކި މަޤްސަދެއް ހާސިލް ކުރުމަށް މަސައްކަތްކުރުން ކަމަށްވާއިރު ކުލާސްރޫމް އިންތިޒާމް ކުރުމަކީ ކުރިން މިދެންނެވުނު މަޤްސަދު ފަސޭހަކަމާއެކު ޙާޞިލްކުރުމަށް ދަރިވަރުންގެ އުޅުމާއި ސުލޫކު ވަކިމިންގަޑެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމެވެ.
މައްސަލަތައް ހައްލުކުރުމާއި އެމައްސަލަތަކަށް ޖަވާބުދާރީކުރުވުމާއި، ދިމާވެދާނެ މައްސަލަތަކާމެދު ކުރިން ހުށިޔާރުވެ ހުރުމާއެކު އެމައްސަލަތައް ކުރިމަތިވިޔަ ކުދިނުމަށް މަސައްކަތްކުރުމާއި އަދި އުނގެނުމަށް އެކަށޭނަ މާހައުލެއް އުފެއްދުމާއެކު އެކަންތައްތައް ދެމެހެއްޓުމަށް އެހީތެރިވުން މިއީ ކްލާސްރޫމް އިންތިޒާމް ކުރުމުގެ މައިގަނޑު މަޤްސަދުތަކެވެ. މިކަންކަމަށް ސަމާލުކަން ދެވުމުގެ ނަތީޖާއަކަށް ވެގެންދާނީ ޢިލްމީ ފެންވަރު  މަތިވެ ދަރިވަރުގެ ވިސްނުމާއި ޤާބިލްކަން އިތުރުވުމަށެވެ. ކުލާހަށް މުދައްރިސް ކިޔަވައިދެއްވަން ދުރުވުގެ ކުރިން  ދަރިވަރުންނާއި ގުޅޭ މާހައުލެއް ޤާއިމް ކުރުމާއި ބޭނުންވާ ވަސީލަތްތައް ހަމަކުރުމަކީ މީގެ މިސާލެކެވެ.
ރަނގަޅަށް ތައްޔާރުވެ އިންތިޒާމް ކުރެވިފައިވާ ކިޔަވައިދިނުމަށްޓަކައި ދުރާލާ ރާވައި ތައްޔާރުވެ ކުލާސްރޫމުގައި އެތަކެތީގެ ބޭނުން ކޮށްގެން ކުލާހުގައި ކިޔަވައިދޭނަމަ އެފަދަ އުނގެނުމަކުން ފެންނާނެކަންތައްތައް ފާހަގަކޮށްލާނަމެވެ.
ހުޝިޔާރުވުން: ދަރިވަރުންގެ އުޅުމާއި ގުޅުން ކާރިންބަލާ ކުރާމަސައްކަތް ދެނެގަނެ ވަކިވަކި އަދި ގުރޫޕުން ކުރާކަންކަން ރަނގަޅަށް ބެލެހެއްޓުން އަދި ދަރިވަރުންނަކީވެސް ހުޝިޔާރުބައެއްގެ ގޮތުގައި ފެންނާނެވެ.
ފޯރި ހިފެހެއްޓުން: ކިޔަވާދިނުމަކީ މުދައްރިސް ޝައުޤުވެރިކަމާއެކު ކުރާކަމަކަށް ހަދަންވާނެއެވެ. ކުރާކަންކަން ފޯރިއާއެކު ކުރަންވާނެވެ. މުދައްރިސްގެ ފޯރިއާއި ހަރަކާތްތެރިކަން ބެހެއްޓިވަރަކަށް ދަރިވަރުންވެސް ކިޔެވުމަށް ފޯރިހިފާނެވެ. އެއްމަސައްކަތްނިމުމުން ކުރާނެ ދެވަނަ މަސައްކަތް އިންތިޒާމްކުރެވި ދަރިވަރުން ފޯރިއާއެކު ހަރަކާތްތެރިވާނެއެވެ.
އޮމާންކަން ދެމެހެއްޓުން: ދަރިވަރުން ކުރާމައްކަތްތަކުގައި އެއްހަރަކާތާއި އަނެއް ހަރަކާތާއި ދެމެދު ގާތްކަން އޮންނަންވާނެއެވެ. އޮމާންކަމާއެކު ހަރަކާތް ބަދަލުކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި އެއް ހަރަކާތުގެ އާލާތް އެއްފަރާތް ކުރުން ނުވަތަ ނެގުމަށްފަހު ދެވަނަ ހަރަކާތައް ދިއުން މުހިއްމެވެ.
ސަމާލުވުން: އުނގެނުމުގެ އެހީއާއި ފިލާވަޅުގެ އެންމެހާތަކެތި ތަރުތީބުން އިންތިޒާމްކުރުމާއެކު ފަސޭހައިން އަތުޖެހޭނެހެން ބަހައްޓަން ޖެހޭނެވެ.
ޒިއްމާދާރުކުރުވުން: ދަރިވަރުންނަކީ ޒިއްމާދާރު ބައެއްގެ ގޮތުގައި މުދައްރިސް ދައްކުވަންޖެހޭނެއެވެ. ދިމާވާ ދަތިތަކާއި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދިނުމާއި ވަގުތައް ކަންކަން ނިންމަން އާދަކުރާބައެއްގެ ގޮތުގައި ފެންނަން ޖެހޭނެއެވެ.
ގުރޫޕް ސަމާލުކުރުވުން: ތަފާތު ހިޔާލުގެ ދަރިވަރުން އެކުގައި އެއްމިސްރާބެއްގައި ހިފެހެއްޓުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އުނގެނުމާއި ދުރު ހިޔާލުތައް ދަރިވަރުންގެ ގިބައިން ނައްތާލެވޭތޯ ބަލަންވާނެއެވެ.
ޖޯޝް ދެމެހެއްޓުމާއި ތަފާތު ގެނައުން: ކުދިންގެ ބޭނުންތަކާއި އެއްގޮތަށް އުނގަންނައިދިނުން ބިނާކުރުމާއި އެއްކަމެއްގައި މާގިނައިރު ނުބޭއްތިއްބުމަށް ސަމާލުވާންވާނެވެ. އެހެންނޫނީ ދަރިވަރުން ފޫހިވެދާނެއެވެ. އަދި އުނގެނުމުގެ ތަފާތު ވައްޓިފާޅި ބޭނުން ކުރުމަށް ސަމާލުވާންވާނެއެވެ. އެހެންކަމުން މަތީގައި ދެންނެވިފައިވާ ކަންކަމަށް ސަމާލުކަން ދެވި ތައްޔާރުވުމާއި އިންތިޒާމް ކުރެވިފައިވާ މިންވަރެއްގެ މައްޗަށް ދަރިވަރުންގެ އުނގެނުމަށް ހެޔޮ އަސަރާއި ނުހެޔޮ އަސަރު ފޯރާނެއެވެ.