Tuesday, April 7, 2015

ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ކިޔަވައި ދިނުމުގައި ދިވެހިރައްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރަން ކުރެވިދާނެ ކަންތައްތައް.


ވިސްނުމުގެ ހުނަރު
"ވިސްނުން" މި ލަފުޒު ބޭނުންކޮށް އުޅެނީ، އަހަރެމެންނަށް އިޙުސާސްވުމަކާއި ނުލައި ސިކުނޑީގައި ހިނގާ، އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީކުރެވޭ ނަފްސާނީ ޙަރަކާތަށާއި، ވަރަށް ބޮޑަށް ސަމާލުކަންދީގެން، އަހަރެމެންނަށް ކުރެވިފައިވާ ތަޖުރިބާތަކަށާއި އެނގިފައިވާ އެނގުންތަކަށް ރިޢާޔަތްކޮށް ތަދައްބުރުކުރުމާއި ފިކުރުކުރުމަށެވެ (މޮސެލީ އާއި ބައަމްފީލްޑް، 2005). ދަރިވަރުންގެ ވިސްނުމުގެ ހުނަރު މަތިކޮށް ކުރިއެރުގައި އެންމެ މުހިންމު އެއްދައުރު އަދާކުރަނީ ދަރިވަރަށް ލިބިފައިވާ ވިސްނުމުގެ ހުނަރުގެ މައްޗަށެވެ. މިގޮތުން ލިބިފައިވާ ވިސްނުން ކުރިއަރާފައިވާ މިންވަރެއްގެ މައްޗަށް ރިޢާޔަތްކޮށް ބަލައިގަތުމާއި، ތަފާތު ނަޒަރުތަކުން ވިސްނުމާއި، އަނެކުންދައްކާ ވާހަކަ އަޑުއެހުމާއި، ނިންމުންތައް ނިންމުމުގައި މަޝްވަރާގެ އުޞޫލު ބޭނުންކުރުމާއި، ހިތްނޭދުނަސް ގިނަމީނުންނަށް ފެންނަ ގޮތަށް ކަންކަންކުރުމާއި އަދި ގުޅިގެން މަސައްކަތް ކުރުމުގައި ޚިޔާލުތަފާތުވާ ކަންކަން ނިންމުމުގައި ރަނގަޅުގޮތް ބަލައިގަނެ މައްސަލަ ހައްލުކުރުމަށް ބާރުއަޅައެވެ. ކުރިން މިދެންނެވުނު ކަންކަމަށް ރިޢާޔަތް ކުރުމުގައި މައިގަޑުގޮތެއްގައި ވިސްނުމުގެ ހުނަރު 3 ގޮތަކަށް ބަހާލެވި ބޭނުން ކުރެއެވެ. އެއީ އުފެއްދުންތެރިކަމާއި، ފާޑުކިޔުން އަދި މައްސަލަ ހައްލުކުރުމުގެ ވިސްނުމަށެވެ. ތިލްމާ އިޕްލީ (1982) ވެސް ހާމަކުރައްވާ ގޮތުގައި ވިސްނުމުގެ މަސައްކަތުގައި ހިމެނޭ ހުރިހާ ކަމެއްވެސް 3 ބަޔަކަށް ބަހާލެވިދާނެއެވެ
(ހ) އުފެއްދުންތެރި ވިސްނުން (ކްރިއޭޓިވް ތިންކިން)
(ށ) ސުވާލު-އުފައްދާ ވިސްނުން (ކްރިޓިކަލް ތިންކިން)
(ނ) އުފެއްދުންތެރި މައްސަލަ-ޙައްލުކުރުން (ކްރިއޭޓިވް ޕްރޮބްލަމް-ސޯލްވިން)
ވިސްނުމުގެ ހުނަރު ބޭނުންކުރުން
ކޮންމެ އުނގެނުމެއްގައިވެސް ވިސްނުމުގެ ހުނަރު އެކުލެވިގެންވާނެއެވެ. ނަމަވެސް އޭގެތެރެއިން ކޮންމެ ހަރަކާތަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ވިސްނުމުގެ ހުނަރު ބޭނުންކުރެވިފައިވާ ހަރަކާތަކަށް ނުވާނެއެވެ. އެހެންކަމުން ދަރިވަރުންގެ ވިސްނުމުގެ ހުނަރު ކުރިއެރުވުމަށް ބޭނުންކުރެވިދާނެ ބައެއްކަންކަމަށް ބަލާލާނަމެވެ. މިގޮތުން މިބައިގައި ވިސްނުން ތަރައްޤީކޮށް ދިނުމަށް ބޭނުން ހިފިދާނެ ބައެއް ވަޞީލަތްތަކުގެ ތެރެއިން އެޑްވަޑް ޑިބޯނޯގެ(1985) ތިންކިންގ ހެޓްސް އަދި ޓޯނީ ރަޔާންސްގެ ތިންކާރސްކީ އުނގަންނައި ދިނުމުގައި ބޭނުން ހިފިދާނެ ބައެއް ގޮތްތަކަށް ބަލާލެވިފައި ވާނެއެވެ. 
ސިކްސް ތިންކިންގ ހެޓްސް
ސިކްސްތިންކިންގ ހެޓްސްއަކީ އެޑްވަޑް ޑިބޯނޯ (1985) އުފައްދާފައިވާ ނަޒަރިއްޔާތެކެވެ. މިއީ ދަރިވަރުންގެ އުނގެނުމަށް ހަލުއި ކުރިއެރުމެއް ގެނުވި ނަޒަރިއްޔާތެއް ކަމަށްވެފައިވަނީ މައްސަލަތަކުގެ ހަފަރާތަށް ފުންކޮށް ވިސްނުމަށް ކުދިންނަށް މަގުފަހި ވެގެންދިޔުމާއި ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔަ ވަޞީލަތެއްކަމަށް ޤަބޫލު ކުރެވެއެވެ. މިއީ ދަރިވަރުންގެ ކިބައިގައި ފޮރުވިފައިވާ މައްސަލަ ހައްލުކުރުމުގެ އުކުޅުތަކާއި، އުފެއްދުންތެރި ޚިޔާލު މުއްސަނދި ކުރުވުމަށް ކޮށާލެވުނު ސަރާސަރު މަގެކެވެ.

ތިންކާރސް ކީ
ދަރިވަރުންގެ ވިސްނުމުގެ ހުނަރު ކުރިއެރުވުމަށް ހޯދާ ތަފާތު ހޯދުންތަކުގެ ތެރެއިން ތިންކަރސް ކީ އަކީ ވަރަށް ބޭނުންތެރި އެއްޗެއްކެވެ. އެގޮތުން ޓޯނީ ރަޔާން މިގޮތަށް ތައްޔާރު ކުރެވުނު ސުވާލުތަކަށް 20 ތަޅުދަނޑި ކަނޑައަޅާފައި ވެއެވެ. ޓޯނީ ރަޔާން ބަޔާން ކުރައްވާ ވިސްނުން ފުޅާކޮށް ތަރައްޤީކޮށްދޭ 20 ތަޅުދަނޑި ހިމެނުނު ކަމުގައިވިޔަސް ކޮންމެ ފިލާވަޅެއްގައި މިހުރިހާ ތަޅުދަނޑި ހިމަނާލުން ބައެއްފަހަރު ދަތިކަމަކަށް ވެއެވެ. އެހެންނަމަވެސް ފިލާވަޅުތަކުގައި ވީހާވެސް ގިނަ ތަޅުދަނޑި ހިމަނާލެވޭތޯ މަސައްކަތް ކުރުމަކީ ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ލިބިދެވޭ ފުރުސަތަކަށް ވެގެން ދާނެއެވެ.
މިދެންނެވުނު ކަންތައްތަކުގެ އިތުރުން ވެސް ކިޔަވައި ދިނުމުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީކުރުމަށްޓަކައި ވިސްނަން ދަސްކޮށްދިނުމަށް އަމާޒުކޮށް ކިޔަވައިދޭން ޖެހެއެވެ. މިކަމަށްޓަކައި ތަފާތު ވަޞީލަތްތައް ބޭނުންކުރަން ޖެހެއެވެ. މިގޮތުން ތަސްވީރު، ވާހަކަ، ވީޑިއޯ، ތަކެތި، ބަސްކޮށާރު، ގްރެފިކް/ވިޝުއަލް އެހީ އަދި ސުވާލު ކުރުން ފަދަ ވަސީލަތްތައް ބޭނުން ކުރެވިދާނެވެ. މީގެތެރެއިންވެސް ރަނގަޅު ފެންވަރުގެ ސުވާލު ކުރުމަކީ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމުގައި ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ސުވާލުކުރާއިރު ތަފާތު ފެންވަރުގެ ސިކުނޑި ހުޅުވާލެވޭ ފަދަ ސުވާލުގެ ވައްތަރުތައް ވެސް ހިމެނުން މުހިންމުވާނެއެވެ. މިފަދަ ސުވާލުތައް ބިނާކުރުމުގައި ބްލޫމްސް ޓެކްސޮނޮމީގެ ހަރުފަތްތަކަށް ރިޔާއަތް ކުރުން މުހިންމެވެ. ބްލޫމްސް ޓެކްސޮނޮމީ އަކީ ސުވާލުކުރުމުގައި އެކި ފެންވަރުގެ ސުވާލުކުރުމަށް އެހީތެރިވެދޭ އޮނިގަނޑެކެވެ.
ސުވާލު ކުރުމުގައި ވިސްނުންތެރިކަމާއިއެކު ސުވާލުކުރުމުން ނޫނީ އޭގެ ސަބަބުން ލިބެންވާ ފައިދާ އެކަށީގެންވާ ގޮތެއްގައި ލިބުމަކީ ނާދިރުކަމެކެވެ. މިގޮތުން ސުވާލުކުރުމުގައި ވިސްނަންވާ ކަންތައްތަކެއް މިވަނީއެވެ. ސުވާލުގެ ޢިބާރާތް ފަސޭހައިން ދޭހަވުން، ސުވާލު ހުރިހާ ދަރިވަރުންގެ މެދުގައި ބަހާލުން، ތަފާތު ފެންވަރުގެ ސުވާލުކުރުން، ޖަވާބު ދިނުމަށް އެހީތެރިވުން އަދި ޖަވާބު ދިނުމަށް ފަސްނުޖެހޭ މާޙައުލެއް ޤާއިމްކުރުމެވެ.
ދަރިވަރުންގެ ވިސްނުމުގެ ހުނަރު މަތިކުރުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހެއެވެ. މިގޮތުން އެހެންނަމަވެސް މުދައްރިސްގެ ތައްޔާރުވުމާއި ފިލާވަޅު ރާވާލެވި އަދި ފިލާވަޅު ކުރިއަށް ގެންދެވޭ ގޮތެއްގެ މައްޗަށް ރިޔާޔަތްކޮށް ދިމާވާ ގޮންޖެހުންތައް ކުޑަކުރެވި ހައްލުކުރެވިދާނެއެވެ. ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށްޓަކައި ކުރިންވެސް ދެންނެވި ފަދައިން ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެއެވެ. މިގޮތުން ދިމާވާ ކޮންޖެހުންތައް ހުރަސް ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.
* ފިލާވަޅު ރޭވުމުގައި ވިސްނުންތަރައްޤީ ކުރުމަށް މަގުފަހިވާނެ ހަރަކާތްތައް ރޭވުން.
* ފިލާވަޅުން ހާސިލުކުރަންބޭނުންވާ މަޤްސަދު ހާސިލްކުރުމަށް ދުރާލާތައްޔާރުވުން.
* ތަފާތު ދަރިވަރުންގެ ތޫނުފިލިކަމަށް ބަލައި މުދައްރިސްގެ މަސައްކަތް ރާވާލުން.
* ދަރިވަރުންގެ ޝައުޤުވެރިކަން ފިލާވަލުތަކުގައި ދެމެހެއްޓުން.
* ސުވާލު ކުރުމުގެ ސީކުއެންސްއެއް ބޭނުންކުރުން.

No comments:

Post a Comment