Sunday, April 5, 2015

ކޯޕަރޭޓިވް ލަރނިންގ


ކޯޕަރޭޓިވް ލަރނިންގެ ބޭނުންކުރަންވީ ކީއްވެ؟

ޖޯންސަން، ޖޯންސަން އެންޑް ހޮލިއުބެކް (1998) ބުނާގޮތުން ކޯޕަރޭޓިވްލަރނިންގ އިން މައިގަނޑު 3 ފައިދާއެއް ލިބެއެވެ. އެއީ:

    ގުޅިގެންއުނގަންނައިދިނުމުގައި ކާމިޔާބު ހޯދަން ދަރިވަރުން އިތުރަށް މަސައްކަތް ކުރާނެއެވެ. އެގޮތުންގިނަކުދިންގެ ނަތީޖާ ރަނގަޅުކުރާނެއެވެ. އެކުދިންކިޔަވާ އެއްޗެހި ދިގު މުއްދަތަކަށް ހަނދާނުގަ ހުންނާނެއެވެ. އެދަރިވަރުންގެ އަމިއްލަ ނަފްސަށް ހިތްވަރު ލިބޭނެއެވެ. އަދި ހަމައެހެންމެ ކިޔެވުމަށް ގިނަވަގުތު ހޭދަކުރެވޭނެއެވެ. ފިކުރުކުރުމުގެ ހުނަރާ މައްސަލަ ހައްލު ކުރުމުގެ ހުނަރު އިތުރުވާނެއެވެ.
    ކުދިންގެ މެދުގައި އޮންނަގުޅުން ހަރުދަނާވާނެއެވެ. މީގެތެރޭގައި ރޫހާނީގޮތުން ތަރައްޤީވުމާއި އެކަކު އަނެއްކަކަށް އަޅާލުމާއި ތަފާތު ފިކުރުގެ ކުދިން އެކުވެރިވުމާއި އަދި ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ.
    ނަފްސާނީ ގޮތުން ހިތްހަމަޖެހުމާ އަމިއްލަ އިހުސާސްތަކާ ބޭނުންތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބުމާއި އިޖުތިމާއީ މާހައުލެއްގައި އުޅެން ދަސްވުމާއި އަމިއްލަ ނަފްސަށް އިތުބާރުކުރެވި ގޮންޖެހުންތަކާ ކުރިމަތިލާން ދަސްވެއެވެ.

ކޯޕަރޭޓިވް ލާނިންގ އަކީ ކާމިޔާބުކާމާއި އެކު އެކި ފެންވަރުގެ ކުދިން ބޭނުންކޮށްގެން ކިޔަވައިދެވިދާނެ ގޮތެކެވެ. ގުޅިގެން އުނގެނުން ކުރިއަށް ދާއިރު އެއްކުޖަކު ކަމެއް ކާމިޔާބު ކުރިޔަސް އެކާމިޔާބީ އެހެން ދަރިވަރުން ހިއްސާ ކުރާނެއެވެ. އެހެންކަމުން ތަފާތުވައްތަރުގެ ކިޔަވައިދިނުމުގެ ހަރަކާތްތައް ބޭނުންކޮށްގެން ފިލާވަޅުކުރިއަށް ގެންދިޔުމަކީ ގުޅިގެންއުނގެނޭ މާހައުލެއްގައި ވަރަށް ފަސޭހަކަމެކެވެ. މިގޮތަށް ކިޔަވައި ދިނުމުން އެއްކުއްޖަކަށް އެނގިފައިވާ އެއްޗެއް އަނެއްކުއްޖަކަށް ބުނެދީ އަދި ކުދިންގެ މެދުގައި އެނގިފައިވާ އެއްޗެއް ބުނެދިނުމަށް ނުވަތަ ވާހަކަ ދެއްކުމުގައި އެއްކުއްޖަކު އަނެއްކުއްޖަކަށް ކެއަރކޮށް ޝެއަރ ކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

ގުޅިގެން މަސައްކަތް ކުރުމާއި، ވާދަވެރި ގޮތެއްގައި މަސައްކަތް ކުރުމުގެ އެންމެ ބޮޑުތަފާތަކީވެސް މިއެވެ. ވާދަވެރި ގޮތެއްގައި މަސައްކަތް ކުރާ ކުދިބަޔަކު އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށްވެސް މަސައްކަތް ކުރާނެއެވެ. އަދިއެއްކުއްޖަކަށް އެނގިފައިވާ އެއްޗެއް އަނެއްކުއްޖަކަށް ބުނެދީ އެހީތެރިވެދޭކަށްވެސް ބޭނުމެއްނުވާނެއެވެ.

ފާއިތުވެދިޔަ 90 އަހަރުގެ ތެރޭގައި ކުރެވިފައިވާ ދިރާސާތަކުގެ ޢަދަދު 600 އަށްވުރެ ގިނައެވެ. ގިނަޢިލްމްވެރިންވަނީ ގުޅިގެން އެއްބާރުލައިގެން އުނގެނުމާއި، ވާދަވެރި މާހައުލެއްގައި  އުނގެނުމާއި، ވަކިވަކި ދަރިވަރުންގެ މަސައްކަތުގެ މައްޗަށް ބަރޯސާވެގެން އުނގެނުމުގެ ކާމިޔާބުގެ މައްޗަށް ބަލާދިރާސާ ކޮށްފައެވެ. މިދިރާސާދައްކާގޮތުން ލެކްޗަރ އުޞޫލުން ކިޔަވައިދިނުމަށްވުރެ ދަރިވަރުންނާއި ގުޅިގެން އެއްބާރުލައިގެން އުނގެނުމަކީ މާ ފައިދާހުރި ރަގަޅު ގޮތެއްކަމުގައި ފާހަގަކުރެވިފައިވެއެވެ.

 ގުޅިގެން އެއްބާރުލައިގެން އުނގެނުމުގައި ވިސްނުން ބަހައްޓަންވީ މުހިއްމު ނުކުތާތައް:

ގުޅިގެން އެއްބާރުލައިގެން އުގެނުމުގެ މާހައުލެއްގައި ދަރިވަރުން ގެ އަމިއްލަ މަސައްކަތުން ކާމިޔާބުހޯދުމަށް މަގުފަހިކޮށްދޭ އަދި އެބައިތަކަކާއި މެދު ވަރަށްބޮޑަށް ސަމާލުކަންދީ ވިސްނަން ޖެހޭ މައިގަނޑު 5 ބައި ވެއެވެ. އެއީ:

    އަނެކުންނާމެދު ރަގަޅަށް ހިތާހިތުން ދެނެގަތުން.
    އެހެންދަރިވަރުންނާ ކުރިމަތިލާގޮތް ރަގަޅުކުރުން.
    ފަރުދީގޮތުންނާއި ގުރޫޕްގެ ގޮތުން ޒިންމާދާރުކުރުންވުން.
    ގުޅިގެން ކުދިގުރޫޕްގައި މަސައްކަތް ކުރުމުގެ ހުނަރު އަށަގެންނެވުން.
    ގުރޫޕްގައި މަސައްކަތް ކުރިއަށް ދާގޮތް ދެނެގަތުން.

މިއިން ކޮންމެ ބަޔަކީވެސް ޓީޗަރު ރަގަޅަށް ތައްޔާރުނުވެ މަސްޢޫލިއްޔަތު ނުއުފުލާނަމަ އެކަށީގެންވާ ރަގަޅުގޮތެއްގައި ގެންދެވި ދާނެ ބައިތަކެއް ކަމަކަށް ނުފެނެއެވެ. އެހެންވީމާ މިއިންކޮންމެ ބަޔެއް ގެންދިއުމުގައިވެސް ޓީޗަރުން ވަރަށްބޮޑަށް ވިސްނާ ތައްޔާރުވާންޖެހެއެވެ. ދަރިވަރުންނަށް އަބަދުވެސް ރަގަޅުގޮތް ވިސްނައިދެވޭތޯ މަސައްކަތް ކުރަންޖެހޭނެއެވެ. އެގޮތުން ގުރޫޕްގައި މަސައްކަތްކުރާއިރު ގުރޫޕްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ހުރިހާދަރިވަރުންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާނެކަމާއި، ގުރޫޕްގެކޮންމެ މެމްބަރަކުވެސް އެހެން ކުދިންނާއި ގުޅިގެން އުފުލަންޖެހޭ ވަކިޒިންމާތަކެއް ހުރިކަންވެސް ކުދިންނަށް ވިސްނައިދެވޭތޯ  ބަލަންޖެހޭނެއެވެ. އަދި ކޮންމެދަރިވަރަކުވެސް އަނެއްދަރިވަރުން ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭނެކަމާއި، އެއްދަރިވަރަކަށް ލިބިފައިވާ މައުލޫމާތު އަނެއްދަރިވަރުންނަށް ވެސް ހިއްސާ ކުރަންޖެހޭނެކަން، ވިސްނައިދެވޭތޯ ބަލަންޖެހޭނެއެވެ.

އަދި ހަމައެހެންމެ ގުރޫޕް ހަދާއިރުވެސް ގުރޫޕްގައި ތިބޭ ދަރިވަރުންގެ ޢަދަދު މަދުކުރުމަށްފަހު ވަކިވަކި ދަރިވަރުންގެ ދައުރު ބޮޑުކުރެވޭތޯ މުދައްރިސް ބާރުއަޅަންޖެހޭނެއެވެ. އަދި ގުޅިގެން އުންނައިދެވޭ މާހައުލެއްގައި ގުރޫޕްމަސައްކަތް ހިނގަމުންދާގޮތް ވަރަށް ރަގަޅަށް އޮބްޒަރވް ކޮށް ބަލަހައްޓަންޖެހޭނެއެވެ. އަދި އެކުދިންގެ ފެންވަރާއި، ހުނަރު ޓެސްޓް ކުރެވޭނެ އެންމެ ރަގަޅު ގޮތަކީ ކޮބައިތޯ ބަލާ އެގޮތަކަށްވެސް ފަރުވާތެރިކަމާޢެކު އަމަލު ކުރަންވާނެއެވެ.

އާދެ! ގުޅިގެން އެއްބާރުލައިގެން އުނގެނުމަކީ އޭގެ ޒާތުގައި އެންމެ ފަސޭހަކަމެއްނޫނެވެ. އެހެންނަމަވެސް ދިމާވެދާނެ ދަތި ތަކާއި، ގޮންޖެހުން ތަކަކީ ކޮބައިތޯ ބަލާ އެކަންކަމާއިމެދު ފުންކޮށްވިސްނައިގެން ކުރިންވެސް ދެންނެވިފަދައިން މުދައްރިސުންނާއި، ދަރިވަރުން އެބައެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނަމަ މިއީ އުނދަގޫކަމެއްވެސް ނޫނެވެ.

ގުޅިގެން އުނގަންނައިދިނުން ކުރިއަށްގެންދާނަމަ އަދި ދަރިވަރުންގެ ކިބައިން ރަގަޅުފިލާވަޅަކަށް މުދައްރިސް އެދޭނަމަ މިކަންކަން ކުރުމަށް ދަރިވަރުންނަށް މަގުފަހިކޮށްދޭންވާނެއެވެ. އަދި އެކުދިންގެ އުނގެނުމަށް އައިބަދަލުތައް ރަގަޅަށް ކިޔައިދީ އުގެނުމުގެއާގޮތްތަކަށް އެކުދިން ހާނުވަންވާނެއެވެ.

 ގުޅިގެން އެއްބާރުލައިގެން އުނގެނުން އެސެސްކުރުމުގައި ޢަމަލުކުރަން ފެންނަ މުހިއްމު ނުކުތާތައް:

ގުޅިގެން އެއްބާރުލައިގެން އުނގެނުމުގައި އެންމެމުހިއްމު ސަމާލުކަމެއް ދޭންވީ އަނެއްކަމަކީ އެސެސްކުރުމުގެ ކަންތަކެވެ. ކުދިން ކުރާމަސައްކަތް ރަގަޅު ގޮތުގައި އެސެސް ނުކުރެވިއްޖެނަމަ ނޭދެވޭ ވަރަށްގިނަ މައްސަލަތައް ކްލާހުގައި މުދައްރިސާއި، ދަރިވަރުންނާއި ދެމެދު އުފެދޭނެއެވެ. ހަމަ އެހެންމެ ދަރިވަރުންނާއި، ދަރިވަރުންނާއި ދެމެދުވެސް އުފެދޭނެއެވެ. އެހެންކަމުން ކުދިންގެ މަސައްކަތްތަކާއި، ހުނަރުތައް އެކަށީގެންވާ ރަގަޅު އިންސާފުވެރި ގޮތެއްގައި އެސެސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގުޅިގެން އެއްބާރުލައިގެން ކިޔަވައިދިނުމުގައި ގުރޫޕްތަކުން ވަރަށް ތަފާތު ހުށަހެޅުންތައް ހުށަހަޅާނެއެވެ. މިހުށަހެޅުންތަކަށް އިންސާފުވެރި ހަމަހަމަ ގޮތެއްގްއި، ކޮމެންޓް ދިނުމާއި، ރިޕޯޓް ކުރުމާއި، ވަޒަންކުރުން އަދި އެސެސް ކުރުން ވަރަށް މުހިއްމު ވާނެއެވެ. ގުޅިގެން އެއްބާރުލައިގެން އުނގަންނައި ދިނުމުގައި އެސެސްކުރުމުގެ ފައިދާތަކުގެ ތެރެއިން ބައެއް ކަންތައް މިތާންގައި ފާހަގަކޮށްލާނަމެވެ.

    ތަފާތު އެތަކެއް ވައްތަރުގެ ވަޞީލަތްތައް ބޭނުންކޮށްގެން ރަގަޅު ފެންވަރުގެ ހުށަހެޅުންތަކެއް ދަރިވަރުން ހުށަހެޅުން.
    ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީވެ އާ ޚިޔާލުތަކާއެކު ކުރިއަށް ދިއުން.
    އާ މައުލޫމާތު ތަކެއްގެ އެހީގައި އުނގެނުން ތަރައްޤީ ކުރުމަށް މުދައްރިސާއި ގުޅިގެން މަސައްކަތް ކުރުން.
    ދަރިވަރުންގެ ފެންވަރު އިތުރަށް ތަރައްޤީ ކުރުމަށް ފުރުޞަތު ހުޅުވިގެން ދިއުން.
    އެސެސް ކުރުމާއި، ރިޕޯޓް ކުރުމުގެ ތެރެއިން ލިބޭ ފީލްޑްބެކްގެ މައްޗަށް ބިނާކޮށް ރަގަޅު މަސައްކަތްތަކެއް ހުށަހެޅުން.
    ގުރޫޕްގެ މަސައްކަތްތަކާއި ވަކިވަކި ދަރިވަރުންގެ މަސައްކަތްތައް ރަގަޅަށް އޮބްޒަރވްކޮށް ބެލުމަށް ފުރުޞަތު ލިބުން.

މިފާހަގަކޮށްލެވުނު ކަންތައް ދަރިވަރުންގެ ކިބައިން ހާޞިލް ކުރުމަށްޓަކައި އެސެސްކުރުމުގައި ވިސްނަންވީ ވަރަށް ގިނަކަންކަން ހުންނާނެއެވެ. އެގޮތުން ޖޯންސަން އެންޑް ޖޯންސަން (1996) ހާމަކުރައްވާ ގޮތުގައި މިބައިތައް ބެހިގެންވަނީ މައިގަނޑު 7 ބަޔަކަށެވެ.

    އެސެސް ކުރުމާއި، ރިޕޯޓް ކުރުމަށް ރަގަޅު ޕްލޭނެއް ތައްޔާރުކުރުން.
    އެސެސްކުރުމާއި ރިޕޯޓް ކުރުމުގެ ފައިދާތައް ދެނެގަތުން.
    ޒާތީގޮތުން ފާހަގަކުރެވޭ ޤުރޫޕްތަކާއި، އަބަދު މަސައްކަތްކުރާ ގުރޫޕްތައް އެސެސްކުރުމުގައި ނުހިމެނުން.
    ހުރިހާދަރިވަރުންވެސް ބަރާބަރަށް މަސައްކަތުގައި ބައިވެރިވޭތޯ ޔަޤީން ކުރުން.
    ހަވާލުކުރެވޭ މަސައްކަތުގައި ބުނެފައިވާ ކަންކަން ރަގަޅަށް ފުރިހަމަވޭތޯ ބެލުން.
    ނަތީޖާ ދެއްކުމުގައި ކްލާހުގެ ދަރިވަރުންނާއި، އެކުދިންގެ ބެލެނިވެރިން ހިއްސާ ކުރުން.
    އެސެސް ކުރުމުގައި މުދައްރިސް ބޭނުންކުރި މެތަޑްތައް ވަރަށް ރަގަޅަށް ހާމަކުރުން ( މީގެ ތެރޭގައި ނުކުޅެދޭ ކުދިންނަށް ބޭނުންކުރި ޚާއްޞަ މެތަޑްތައްވެސް ބުނެދިނުން(.

No comments:

Post a Comment