Sunday, April 5, 2015

ޤަވައިދު

ސުކުން

އަލިފު ސުކުން (އް)
އަލިފުސުކުން ޖެހޭ ފުރަތަމަ ތަނަކީ ތަޝްދީދަށް ކިޔާގޮތަށް ކިޔޭކަމުގައި ވެފައިމެ، އެ ސުކުން އޮތްތާ ފިއްޔެއް ޖެހޭ ނަމަ ޖެހޭނީ ކޮން އަކުރެއްގައި ކަން ނޭނގޭ ތަންތަން ކަމަށް އިބުރާހީމް ރުޝްދީ (1934) އާއި މުޙައްމަދު އަމީން (1947) އާއި މުޙައްމަދު ޖަމީލު (1979) އާއި ޢަބުދުﷲ ޞާދިޤު (1993) ލިޔުއްވާފައިވެއެވެ. އިބުރާހިމް ރުޝްދީ ދެއްވާފައި ހުރި މިޘާލުތަކަކީ، އުއްދަޑި، ފުއްލާ، ބައްތި، ހިއްތަން، ދިއްލުން، ފަދަ މިޘާލުތަކެވެ. ބަހުގެ ބައެއް ބަސްވާރުން ހާމަކުރައްވާފައިވާ ގޮތުގައި، އަލިފު ސުކުން ޖެހޭ ދެވަނަ ތަނަކީ، ސުކުން އޮތްތާ ފިއްޔެއް ޖެހޭނަމަ ކާފެއްގައި ފިލިޖެހޭ ތަންތަނެވެ. މިސާލަކީ، އެއްފަހަރު އަކުރެއްގައި، އުނގެނުމެއްގައި، ހެލުމެއްގައި މިފަދަ މިޘާލުތަކެވެ. (އިބުރާހީމް ރުޝްދީ، 1934؛ މުޙައްމަދު އަމީން ،1947؛ މުޙައްމަދު ޖަމީލު ،1979؛ ޢަބުދުﷲ ޞާދިޤު ،1993).
އެހެންނަމަވެސް، ޙުސައިން ޞަލާޙުއްދީން (1926) ބަޔާންކުރައްވާފައިވާ ގޮތުގައި "އަލިފު ސުކުނަކީ ލަފުޒުގެ މެދުތެރެޔަށް ނޫނީ ވަންނައެއްޗެއް ނޫނެވެ" (ޞަފުޙާ 31). މިޘާލުގެ ގޮތުގައި، އައްޑަނަ، ފައްޓަރު، ކައްޗޭ، ބައްދަލު، ފަދަ މިސާލުތައް ދެއްވާފައިވެއެވެ.
ށަވިޔަނި ސުކުން (ށް)
ށަވިޔަނި ސުކުންޖެހޭ ހަމައާ މެދު ވާހަކަދައްކަމުން އިބުރާހީމް ރުޝްދީ (1934) އާއި، މުޙައްމަދު އަމީން (1947) އާއި، މުޙައްމަދު ޖަމީލު (1979) އާއި، ޢަބުދުﷲ ޞާދިޤު (1993) ލިޔުއްވާފައިވާ ގޮތުގައި ސުކުންޖެހިފައި އޮތް އަކުރުގެ ބަދަލުގައި ށަވިޔަނީގައި ފިލިޖެހޭ ކޮންމެތަނަކީ ށަވިޔަނީގައި ސުކުންކުރަންޖެހޭތަނެކެވެ. އެހެންނަމަވެސް ޙުސައިން ޞަލާޙުއްދީން (1926) ހާމަކުރައްވާފައިވާ ގޮތުގައި ށަވިޔަނި ސުކުނަކީ އޭގެ އަޞްލުގައި ލަފުޒުގެ ފަހަތަށް ނޫނީ ވަންނަ އެއްޗެއް ނޫނެވެ. މިޘާލު: ބަދިގެއަށް، މަށަށް، މިއެވެ. އެހެންނަމަވެސް، އެ ސުކުން ކުރެވޭ ށަވިޔަނީގައި އުބުފިލި ޖެހިޔަސް ބަހުގެ މާނަ ގޯސްނުވާނޭ ގޮތަށް ދޭދޭ ލަފުޒު އެކުވެގެން އުފެދިފައި ހުންނަ ނަންތަކުގައި ލަފުޒުގެ މެދަށް ށަވިޔަނި ސުކުން ކުރެވޭކަމަށް ޙުސައިން ޞަލާޙުއްދީން އިތުރަށް ހާމަކުރައްވާފައި ވެއެވެ. މިސާލަކީ: ރަށްދެބައިމަގު، އަށްއަޑުބާ ފަދަ މިޘާލުތަކެވެ.
ސީނު ސުކުން (ސް)
ސީނު ސުކުން ކުރަންޖެހޭނީ ސީނު ސުކުނުގެ އަޑު ފާޅުވާ ތަންތަނުގައި ކަމަށް މުޙައްމަދު ޖަމީލު (1979) ބަޔާންކުރައްވައެވެ.  

ނޫނު ސުކުން (ން)
"ނ" ސުކުންކުރެވެނީ ޢަރަބިބަހުގައި ވެސް ނޫނު ސުކުނަށް ކިޔާ ގޮތަށެވެ. ދިވެހިބަހުގައި ނޫނު ސުކުން ކުރެވޭ 3 ހަމައެއް އޮވެއެވެ. މުޙައްމަދު ޖަމީލު (1979) ބަޔާންކުރައްވާ ގޮތުގައި އެހަމަތަތަކަކީ:
1-      ނޫނު ސުކުން ކިޔޭގޮތަށް ކިޔޭކަމުގައި ވެފައި، ސުކުނުގެ ބަދަލުގައި ފިއްޔެއްޖަހާނަމަ ޖެހޭ އަކުރެއް ނެތްތަންތާނގައެވެ.
މިސާލު: ކުންނާރު، މަންޑި.
2-      ނޫނު ސުކުން ކިޔޭގޮތަށް ކިޔޭކަމުގައި ވެފައި، ސުކުނުގެ ބަދަލުގައި ފިއްޔެއްޖެހޭތޯ ބަލާއިރު ނޫނު ގައި ފިލިޖެހޭ ތަންތާނގައެވެ.
މިސާލު: ރަން- ރަނޭ ؛ ދޮން - ދޮނޭ ؛ ފެން - ފެނޭ ؛ އިން - އިނޭ.
3-      ނޫނު ސުކުން ކިޔޭގޮތަށް ކިޔޭކަމުގައި ވެފައި ސުކުނުގެ ބަދަލުގައި ފިއްޔެއް ޖެހޭތޯ ބަލާއިރު "މ" ގައި ފިލިޖެހޭ ތަންތާނގައެވެ.
މިސާލު: ޅެން - ޅެމޭ ؛ ހުން - ހުމޭ ؛ ބިން - ބިމޭ .
ތާ ސުކުން (ތް)
“ތ” ސުކުން ކިޔެނީ ޢަރަބި ބަހުގައި ޔާގެ ތަޝްޖީދަށް ކިޔޭގޮތަށް ކަމަށް މުޙައްމަދު ޖަމީލު (1979) ބަޔާންކުރައްވައެވެ.  ނުވަތަ ދިވެހި ބަހުގައި “ޔ” ގެ ކުރިއަށް ސުކުނެއް ގެނެސްގެން ކިޔޭ ގޮތަށެވެ.
މިސާލު: ނިތްކުރި، ފިތްގަނޑު، ފޮތްގޮނޑި.
                  “ތ”ގައި ސުކުން ކުރަންޖެހޭ ޚާއްސަ ތަންތަން އެބަހުއްޓެވެ. އެއީ ވ،ކ،ގ،ފ މިހަތަރު އަކުރުން ކުރެ އަކުރެއްގެ އިބިފިއްޔަށް ހުއްޓިފައިވާ ކޮންމެ ނަމަކާއި ކަމެކެވެ.
މިސާލު: ގޮފި - ގޮތްޕެއް ؛ ސޫފި - ސޫތްޕެއް ؛ ރަކި - ރަތްކެއް .
                  ހަމައެހެންމެ “ބ” ގެ އިބިފިއްޔަށް ހުއްޓޭ ނަންވެސް ހިމެނެއެވެ.
މިސާލު: ބުޅިތުނބި، އޮބި، ބޮނބި،

ތިކިޖެހި ތާނަ

ތިކިޖެހި ތާނައިގެ އަކުރުތަކަކީ ބޭރު ބައެއް ބަސްބަހުން ދިވެހި ބަހަށް ވަދެފައިވާ ލަފުޒުތައް ހެއުކޮށް ކިޔޭ ގޮތަށް ލިޔުމަށްޓަކައި އިތުރުކުރެވިފައިވާ އަކުރުތަކެއް ކަމަށް މުޙައްމަދު ޖަމީލް (1979) ބަޔާންކުރައްވާފައިވެއެވެ.  މި އަކުރުތަކަކީ، 13 ޝަޢުބާން 1376ހ ]16 މާރޗް 1957[ގައި، އިހުގެ ވުޒާރަތުލް މަޢާރިފުން ކުރެއްވި އިޢުލާނަކުން، ތާނަލިއުމުގެ ތެރޭގައި ބޭނުންކުރެވޭ ޢަރަބި އަކުރުތަކުގެ ބަދަލުގައި ބޭނުންކުރާނޭ އަކުރުތަކެއް ކަނޑައެޅުއްވުމާގުޅިގެން އުފެދުނު އަކުރުތަކެކެވެ. އަދި، އެއީ އަޅުގަނޑުމެންގެ ދިވެހިބަހަށް ނުވަތަ ތާނަލިއުމަށް ލިބުނު މުއްސަނދިކަމަކާއި ކުރިއެރުމެކެވެ. (ޙުސައިން ޢަބްދުއްރަޙްމާން، 1997، ޞަފުޙާ 12).
މުޙައްމަދު ޖަމީލް (1979) ބަޔާންކޮށްދެއްވާފައިވާ ތިކި ޖެހި ތާނައިގެ އަކުރުތަކަކީ: ޙ (ح)، ޚ (خ)، ޢ (ع)، ޣ (غ)، ޛ (ذ)، ޠ (ط)، ޡ (ظ)، ޘ (ث)، ޤ (ق)، ޞ (ص)، ޟ (ض)، ޝ (ش) މިއެވެ. ބަޔާންކުރެވިފައިވާ އަކުރުތަކުން ޢަރަބި އަކުރެއްގެ އަޑު ތާނައިން ލިޔަންވެއްޖެނަމަ ލިޔަންޖެހޭނީ އެ ޢަރަބި އަކުރަކަށް ކަނޑައަޅާފައިވާ ތިކިޖެހި ރަމުޒު ބޭނުންކޮށްގެންނެވެ. އަދި މި އަކުރު ތަކުގެ އިތުރުން އިނގިރޭސި އަޑެއް ކަމަށްވާ "vision" ފަދަ ލަފުޒުތައް ލިޔުމަށްޓަކައި "ޜ" މި އަކުރު ބޭނުންކުރާ ކަމަށް ސްޓަޑީ ގައިޑް (2011) ހާމަކުރައްވައެވެ.

ކުށްބަސް/ ކުށްޢިބާރާތް

ދިވެހިބަހަކީ މުއްސަނދި އެބަހުގައި ތަފާތު ދަރަޖަތައް އެކުލެވިގެންވާ އެހެންބަސްތަކަށް ގޮންޖަހާލެވޭ ފަދަ ބަހެކެވެ. ނަމަވެސް މިރީތި ދިވެހިބަހުން ލިޔެ ކިޔެން އޮތްއިރު މިބަހުގެ ހަމަތަކާއި އުސޫލުތަކަށް ނުފެތޭ ގޮތަށް ، ކުށްބަސް ބޭނުން ކުރުން މިވަނީ ޢާއްމު ވެފައެވެ. ކުށްބަހަކީ ދިވެހި ބަހުގެ ޤަވާޢިދާ އެއްގޮތް ނުވާ ގޮތުގެ މަތިން ބުނެއުޅޭ ނުވަތަ ލިޔުމުގައި ބޭނުންކުރާ ބަހެއް ނުވަތަ ބަސްތަކެކެވެ. މިހައިރަކަސް އައިސް މިފަދަ ކުށްބަސްތައް އަހަރުމެންގެ ތެރޭގައި މިވަނީ ޢާއްމު ވެފައެވެ. އަމިއްލަ މީސްމީހުން ލިޔާލިޔުންތަކުގައްޔާއި ރަސްމީފަރާތްތަކުން ނެރޭ ދެންނެވުންތަކާއި ކޮންމެ ދުވަހަކު ނެރެމުންދާ ނޫސް މަޖައްލާތަކުން މިދަނީ ފެންނަމުންނެވެ. ކުށްބަހާބެހޭ ގޮތުން ގިނަ ވާކަހަތަކެއް މިހައިރަކަށް އައިސް ދެކެވުނު ކަމުގައިވިޔަސް ކުށްބަހުގެ ތަޢާރަފެއް އެއްވެސް ބޭފުޅަކު ދެއްވާފައި ނެތްކަން ފާހަގަކުރަމެވެ.
މިސާލު 1:
                  “ ދޯނި ހީވަނީ ހަމަދެންމެދެންމެ އަޑިޔަށްގޮސްދާނެ ހެންނެވެ. ” މިއީ ވަރަށް ގިނަ ލިޔުންތަކުގައި ބޭނުންކުރެވޭ ގޮތެކެވެ. ނަމަވެސް އަޑިޔަށްގޮސްދާނެ ، އަޑިޔަށްގޮސްފާނެ މިއީ ކުށްބަސްބަހެވެ. ރަނގަޅުގޮތަކީ އަޑިޔަށް ހިނގައިދާނެ އެވެ. އެހެންކަމުން މިޖުމްލަ ރަނގަޅަށް ލިޔާނަމަ އޮންނަންޖެހޭނީ :  
            “ ދޯނި ހީވަނީ، ހަމަދެންމެދެންމެ އަޑިޔަށް ހިނގައިދާނެ ހެންނެވެ. ”


ޑިސްކަޝަން

މި ބައިގައި ބަލައިލާނީ ދިރާސާކުރުމަށް ނެގި 3 ލިޔުމުގައި، ދިރާސާކުރުމަށް ކަނޑައަޅާފައިވާ 3 ދާއިރާގެ މައްޗަށެވެ. ފުރަތަމަ ބަލައިލާނީ ލިޔުން 1 ގައިވާ މައްސަލަތަކަށާއި އެމައްސަލަތަކުގެ ރަނގަޅުގޮތަށެވެ.
ދިރާސާ ކުރުމަށް ނެގި ލިޔުން 1ގައި ސުކުނުގެ އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. ހުރިހާ ތަނެއްގައި ވެސް ސުކުން ކޮށްފައިވަނީ ދިވެހިބަހުގެ ޤަވާޢިދުގައިވާ ހަމަތަކުގެ މަތިންނެވެ.
މިސާލު: 1 "ގުޅިގެން"، "ބަނދަރަށް"، "ބާވަތްތައް"އަދި "ހުސްވުމަކީ"
މިސާލު 1ގައި އެވަނީ ލިޔުން 1ގައި ސުކުން ކޮށްފައިވާ ބައެއް ލަފުޒުތަކެވެ. މި ލަފުޒުތަކުގައި މިވަނީ ފަސް ވައްތަރުގެ ސުކުނެވެ. މި ސުކުންތައް ކޮށްފައިވަނީ، އިބުރާހީމް ރުޝްދީ (1934) އާއި މުޙައްމަދު އަމީން (1947) އާއި މުޙައްމަދު ޖަމީލު (1969) އާއި ޢަބުދުﷲ ޞާދިޤު (1993) ބަޔާން ކުރައްވާފައިވާ ހަމަތަކަށް ފެތޭގޮތަށެވެ.
ދިރާސާ ކުރުމަށް ނެގި ލިޔުން 1ގައި ތިކިޖެހި ތާނަ ބޭނުންކޮށްފައިވަނީ ދިވެހިބަހުގެ ޤަވާޢިދުގައިވާ ހަމަތަކަށް ފެތޭގޮތަކަށް ނޫނެވެ. ތިކިޖެހި ތާނަ ބޭނުންކުރަންޖެހޭ އެއްވެސް ތަނެއްގައި ތިކިޖެހި ތާނަ ބޭނުން ނުކުރެއެވެ.
ތިކި ޖަހަންޖެހޭ އެހެނަސް ތިކި ނުޖަހާ ލިޔެފައި ހުރި ލަފުޒުތަކަކީ "އަމަލު"، "ގަވައިދު"، "ގައުމު"، "ގަބޫލު"، "ހަރަދު" އަދި "އަހްމަދު" މި ލަފުޒު ތަކެވެ. މިލަފު ތަކުގެ ރަނގަޅު ގޮތަކީ "ޢަމަލު"، "ޤަވާޢިދު"، "ޤައުމު"، "ޤަބޫލު"، "ޚަރަދު" އަދި "އަޙްމަދު" މި ގޮތެވެ.
"އަމަލުކުރަން" މި ލަފުޒުގެ ރަގަނޅުގޮތަކީ "ޢަމަލުކުރަން" މިއެވެ. އަމަލުގެ މާނައަކީ މަސްތުވުމެވެ. އެހެންކަމުން ހަރަކާތެއް ކުރުމުގެ މާނައިގައި "އަމަލުކުރުން" ގެނައުމަކީ ކުށް ގޮތެކެވެ. ކުށް ގޮތަކަށް ވީނަމަވެސް ތިކިޖެހި ތާނައިގެ ސަބަބުން އުފެދުނު ކުށަކަށްވީމާ މިބައިގައި ހިމެނީއެވެ. ލިޔުން 1ގައި ތިކި ޖަހަންޖެހޭ އެހެންނަމަވެސް ތިކިނުޖަހާ ކަމަށް ފާހަގަކޮށްފާއިވާ ލަފުޒުތަކަކީ ޢަރަބި ނުވަތަ އުރުދޫ ބަހުން، ދިވެހިބަހަށް ލޯނު ލަފުޒުގޮތުގައި ގެނެސްފައިވާ ލަފުޒުކަމަށްވާތީވެ މި ލަފުތައް ލިޔަންޖެހޭނީ ތިކިޖެހި ތާނަ ބޭނުންކޮށްގެން ކަމުގައި ދެކެމެވެ. ޢަބްދުﷲ ނަޢީމް (2012) ބަޔާންކުރައްވާ ގޮތުގައި ރަސްމީކޮށް އެ އަކުރުތައް އުވާނުލަނީސް، އެ އަކުރުތަކުގެ ބޭނުން ކުރުން ހުއްޓާލައި، ތިކިޖަހަންޖެހޭ ތަންތަނުގައި ތިކި ނުޖަހާ ލިޔުމަކީ ދިވެހިބަހުގެ ޤަވާޢިދު ހުއްދަކުރާ ކަމެއްނޫނެވެ.
ލިޔުން 1 ގައި ކުށްބަސް މަދުންނަވެސް ބޭނުންކޮށްފައި ހުރިކަމަށް ފާހަގަ ކުރަމެވެ. އެހެންކަމުން ލިޔުން 1ގައިވާ ޖުމްލަތަކާއި އެޖުމްލަތަކުގެ ރަނގަޅުގޮތް ލިޔެލާނަމެވެ.
ޖުމުލަ 1: "އިންޑިއާގެ ބަނދަރުތަކުން އަމަލުކުރަން ފެށި އާ ގަވައިދަކާ ގުޅިގެން ދިވެހި ކާގޯ ބޯޓުތަކަށް ޓުޓިކޮރިން ބަނދަރަށް ނުވަދެވިގެން އެނބުރި މާލެ އަންނަން ޖެހިއްޖެ އެވެ."
ޖުމުލަ 1ގެ ރަނގަޅު ގޮތް: "އިންޑިއާގެ ބަނދަރުތަކުން އަމަލުކުރަން ފެށި އާ ގަވައިދަކާ ގުޅިގެން ދިވެހި ކާގޯ ބޯޓުތަކަށް ޓުޓިކޮރިން ބަނދަރަށް ނުވަދެވިގެން އަނބުރާ މާލެ އަންނަން ޖެހިއްޖެ އެވެ." (ޖުމުލަ 2 އަދި 3 އެޕެންޑިކްސް 1 ގައި)
ޖުމުލަ 1، 2 އަދި 3ގައި ކުށްބަހެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ "އެނބުރި" މި ލަފުޒެވެ. ދިވެހިބަހުގެ ޤަވާޢިދުގެ ހަމަތަކަށް ބަލާއިރު އެނބުރި އަންނާނީ ދިރޭތަކެއްޗެވެ. ބޯޓުފަހަރެއް އެނބުރިއެއް ނާންނާނެ އެވެ. ބޯޓުފަހަރު އަނބުރާ އަންނާނީ އެވެ (ޢަބްދުﷲ ޞާދިޤު، 1993). ލިޔުން 1ގައި މި ފަދައިން ("އެނބުރި" އައުން) ބޯޓުފަހަރަށް ނިސްބަތްކޮށް 3 ޖުމްލައެއްގައި ބޭނުންކޮށްފައި ވެއެވެ. މި 3 ޖުމްލައިގެ ވެސް ރަނގަޅު ގޮތަކީ "އަނބުރާ" އައުމެވެ.
ޖުމަލަ 4: އިންޑިއާ އަށް މުދާ ބަލާ ދިޔަ ބައެއް ބޯޓުތަކަށް ނުވަދެވިގެން ވަނީ އެނބުރި މާލެ އައިސްފަ އެވެ.
ޖުމުލަ 4ގެ ރަނަގަޅު ގޮތް: އިންޑިއާ އަށް މުދާ ބަލައި ދިޔަ ބައެއް ބޯޓުތަކަށް ނުވަދެވިގެން ވަނީ އެނބުރި މާލެ އައިސްފަ އެވެ.
ޖުމުލަ 4ގައި، "ބަލާ" ބޭނުންކޮށްފައި އޮތް ވެށީގައި "ބަލާ" ބޭނުންކުރުމަކީ ކުށް ގޮތެކެވެ. އެ ވެށީގައި (ބަލާ ބޭނުންކޮށްފައި އޮތް) ބޭނުންކުރެވޭނެ އަދި ބޭނުންކުރުން ރަނގަޅު ލަފުޒަކީ "ބަލައި" އެވެ. "ބަލާ" އަކީ މުޞީބާތެވެ. އެއްޗެއް ގެނައުމުގެ މާނަ ކުރެވޭނީ "ބަލައި" މި ލަފުޒުންނެވެ.
ދިރާސާ ކުރުމަށް ނެގި ލިޔުން 2ގައި ކުށްބަސް/ކުށްޢިބާރާތުގެ އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. ހުރިހާ ޢިބާރާތެއް ލިޔެފައިވަނީ ދިވެހިބަހުގެ ޤަވާޢިދުގައިވާ ހަމަތަކުގެ މަތިންނެވެ. އެބަހީ ކުށްބަސް/ ކުށްޢިބާރާތް ނެތިއެވެ.
ދިރާސާ ކުރުމަށް ނެގި ލިޔުން 2ގައި ސުކުނުގެ މަދު މައްސަލައެއް ހުރިކަން ފާހަގަ ކުރެވެއެވެ. އެކިއެކި ލިޔުންތަކުން ތަފާތު ގޮތްގޮތަށް އެބަހީ ދެގޮތަކަށް ސުކުން ކުރާތީ ފެންނަ ލަފުޒެއް ކަމަށްވާ "މުހިންމު" ގައި ލިޔުން 2ގައި ކޮށްފައިވަނީ "އް" ސުކުނެވެ. އެއީ "މުހިއްމު" މި ފަދައިންނެވެ. އެހެންނަމަވެސް މި ތަނުގައި ޢަމަލު ކުރެވޭނެ ޤަވާޢިދެއް ކަމަށް ދެކެނީ "ން" ނޫނު ސުކުނުގެ ޤަވާޢިދެވެ. ސަބަބަކީ ނޫނު ސުކުން ކުރާ ގޮތުގެ ފުތަމަ ހަމަކަމުގައި މިލިޔުމުގައި ބަޔާންކުރާ ހަމައެވެ. "ނޫނު ސުކުން ކިޔޭގޮތަށް ކިޔޭކަމުގައި ވެފައި، ސުކުނުގެ ބަދަލުގައި ފިއްޔެއްޖަހާނަމަ ޖެހޭ އަކުރެއް ނެތްތަންތާނގައެވެ." މިއުސޫލުން ބެލޭނެ ލަފުޒަކަށް "މުހިންމު" މިލަފުޒު ވެއެވެ. އެއީ ސުކުނެއްގެ އަޑަށް އަންނަނީ ނޫނު ސުކުނުގެ އަޑުކަމަށްވެފައި ފިލި ނުޖެހޭނެ ތަނެއްކަމުގައި، ނޫނު ސުކުން ކޮށްފައިވާ ތަން ވާތީއެވެ. އެހެންކަމުން މި ލަފުޒުގެ ރަނގަޅު ގޮތް ކަމަށް ދެކެނީ "މުހިންމު" މި ގޮތެވެ. މި ލަފުޒު 2 ފަހަރު ބޭނުންކޮށްފައި އޮތްއިރު ވެސް ބޭނުން ކޮށްފައި އޮތީ "މުހިއްމު" މިގޮތަށެވެ. މި ނޫން، ސުކުނުގެ މައްސަލައެއް ލިޔުން 2ގައި ނެތެވެ.
ތިކިޖެހި ތާނައިގެ ކުށްވެސް ކޮންމެވެސް ވަރަކަށް ކުރެވިފައި ވެއެވެ. ލިޔުން 2ގައި ތިކިޖެހި ތާނައިގެ މައްސަލަ ފާހަގަ ކުރެވިފައިވަނީ ދެބާވަތަކަށެވެ. އެއް ގޮތަކީ ތިކި ޖަހަންޖެހޭ، ޢަރަބި/ އުރުދޫ ލަފުޒުގައި ތިކި ނުޖަހާ ހުރުމެވެ. ދެވަނަ ގޮތަކީ އެއް ލަފުޒެއް ދެ ތަނެއްގައި ލިޔާއިރު އެއް ފަހަރު ތިކި ޖަހައިގެން ލިޔެފައި އަނެތް ފަހަރު ތިކި ނުޖަހާ ލިޔެފައި ހުރި ހުރުމެވެ.
ފުރަތަމަ ބުނެވުނު ގޮތަށް ބޭނުން ކޮށްފައި ވަނީ "ފުރުސަތު" މި ލަފުޒެވެ. މި ލަފުޒުގެ ރަނގަޅު ގޮތަކީ "ފުރުޞަތު" މި ގޮތެވެ. ދެވަނަ ގޮތަށް ބޭނުން ކޮށްފައިވަނީ "ހާލު" އަދި "ހަޔާތް" މި ދެލަފުޒެވެ. މި ދެލަފުގެ ރަގަޅު ގޮތަކީ "ޙާލު" އަދި "ޙަޔާތް" މިއެވެ. ސަބަބަކީ މިއީ ޢަރަބި/ އުދޫން ލިޔާއިރު "ح" ބޭނުން ކޮށްގެން ލިޔާ ދެލަފުޒަށް ވެފައި މިއިން ބަހަކުން ލޯނު ލަފުޒުގެ ގޮތުގައި ގެނެވިފައިވާ ދެލަފު ކަމުން ފުރިހަމަ އަޑު ގެންނަންޖެހޭތީއެވެ.
ދިރާސާ ކުރުމަށް ނެގި ލިޔުން 3ގައި ކުށްބަސް/ކުށްޢިބާރާތުގެ އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. ހުރިހާ ޢިބާރާތެއް ލިޔެފައިވަނީ ދިވެހިބަހުގެ ޤަވާޢިދުގައިވާ ހަމަތަކުގެ މަތިންނެވެ. އެބަހީ ކުށްބަސް/ ކުށްޢިބާރާތް ނެތިއެވެ.
ލިޔުން 3ގައި ތިކިޖެހި ތާނައިގެ މައްސަލަ ފާހަގަ ކުރެވިފައިވަނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ ތިކި ޖަހަންޖެހޭ، ޢަރަބި/ އުރުދޫ ލަފުޒުގައި ތިކި ނުޖަހާ ހުރުމެވެ. ދެވަނަ ގޮތަކީ ތިކި ޖަހައިގެން މަޚުރަޖު އަދާކުރެވޭ ތަންތަނުގައި ތާނަ އަކުރު ބޭނުން ކޮށްގެން އަޑެއް ނެރެފައިވުމެވެ.
ޢަރަބި/ އުރުދޫ ލަފުޒުގައި ތިކި ނުޖަހާ  ލިޔެފައި ހުރި ލަފުޒުތަކަކީ "ސިއްހަތު"، " ރޫހާނީ"، " ގަވައިދު"، " ހަޔާތް"، " ރަހުމަތްތެރިން"، " ތަހުލީލު"، " ފުރުސަތު" އަދި " މައުލޫމާތު" މި ލަފުޒުތަކެވެ.
އެލަފުޒުތަކުގެ ރަނގަޅު ގޮތަކީ "ޞިއްޙަތު"، " ރޫޙާނީ"، " ޤަވާޢިދު"، "ޙަޔާތް"، "ރަޙުމަތްތެރިން"، "ތަޙުލީލު"، "ފުރުޞަތު" އަދި "މަޢުލޫމާތު" މިއެވެ.
ތިކި ޖަހައިގެން މަޚުރަޖު އަދާކުރެވޭ ތަންތަނުގައި ތާނަ އަކުރު ބޭނުން ކޮށްގެން އަޑު ނެރެފައިވާ ލަފުޒެއް ލިޔުން 3ގައި ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އެއީ "މައުލޫއުއަކަށް" މި ލަފުޒެވެ. މިލަފުޒުގެ ރަނގަޅުގޮތަކީ "މައުޟޫޢަކަށް" މިހެންނެވެ. ސަބަބަކީ މި ލަފުޒަކީ ޢަރަބި އަޑު ތަކެއް އެކުލެވިގެންވާ އަދި އެ އަޑު ތިކިޖަހައިގެން ނޫނީ އަދާ ނުކުރެވޭތީއެވެ. ޢަރަބި " ض" ގެ އަޑު އަދާކޮށްދޭ ތިކިޖެހި ތާނައިގެ ރަމުޒަކީ "ޟ" މި އަކުރެވެ. އަދި " غ" ގެ ތިކިޖެހި ތާނައިގެ ރަމުޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޢ" މި އަކުރެވެ.
މި ލަފުޒުތައް ލިޔަންޖެހޭނީ ތިކިޖަހައިގެން ކަމަށް ވާތީވެ ތިކިނުޖަހައި ލިޔުމަކީ ދިވެހި ބަހުގެ ޤަވާޢިދު ހުއްދަކުރާކަމެއް ނޫނެވެ.
ލިޔުން 3ގައި ސުކުންކުރުމުގައި ދިމާވެފައި ހުރި މައްސަލައަކީ ދިވެހި ބަހުގެ ޤާވާޢިދުގައި ސުކުން ނުކުރެވޭ އަކުރުތަކެއްގައި ސުކުން ކުރުމެވެ. ސުކުން ނުބައިކޮށް ކޮށްފައިވަނީ ދެ ލަފުޒެއްގައެވެ. އެއީ "ނިޒާމް" މި ލަފުޒުގެ ރަނގަޅު ގޮތަކީ "ނިޒާމު" މިހެންނެވެ (ބަސް ފޮތް،2006). މި ފަދައިން ލިޔެފައިވާ ދެވަނަ ލަފުޒަކީ  "ރަހްމަތްތެރިން" މި ލަފުޒެވެ. މި ލަފުޒުގެ ރަނގަޅު ގޮތަކީ "ރަޙުމަތްތެރިން" މި ގޮތެވެ. "ހް" ހ ގައި ސުކުން އޮތުމުގެ ގެ ބަދަލުގައި އޮންނަންޖެހޭނީ "ޙު"  އުބުފިއްޔެވެ. އެއީ މި ހާލަތުގައި ސުކުންކުރުމަކީ ދިވެހިބަހުގެ ޤަވާޢިދު ހުއްދަ ކުރާ ކަމެއްނޫނެވެ.

ރެފަރެންސް

ހަސަން އުގެއިލް. (2012). ދުއާކުރުން ވެސް ދިރާސާ މައުލޫއު އަކަށް!. ހަވީރު ނޫސް. މާލެ: ނެގީ ޖުލައި 26، 2012. http://www.haveeru.com.mv/dhivehi/opinion/124844ން
އިބްރާހިމް ރުސްދީ. (1355ހ). ސުލްލަމުލް އަރީބު . މާލެ: (ނޭގޭ).    
މުޙައްމަދު ޖަމީލު. (1979). ފިޔަވަޅު 1،2،3. މާލެ: މ.ކުއްޅަވައްގެ.
މުޙައްމަދު އަމީން. (1947). ދިވެހިބަސް: "ދަރިވަރުންގެ އެހީތެރިޔާ". މާލެ: ގޯލްޑަން ބުކްޝޮޕް.
ސްޓަޑީ ގައިޑް. (2011). ތިކިޖެހި ތާނަ. ދިވެހި ބަސް DHI 105. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ޙުސައިން ރަޝީދު އަޙުމަދު. (1999). ދިވެހިބަހުގެ ބަސްމަގު (މަލަސް.65). މާލެ: ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޙުސައިން ޞަލާޙުއްދީން. (1926). ތުޙުފަތުލް އަދަބިއްޔާތު. (މުޞައްނިފު)
ޙައްވާ މުޙައްމަދު. (2012). ޓިކުން ޓިކުން ޓިކުން. ދަރުމަ. މާލެ:
ޢަބުދުﷲ ޞާދިޤް. (1993). ބަހުގެ ހަމައިގެ އަތްމަތީ ފޮތް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޢަބްދުﷲ ޞާދިޤު. (1979). ދޮންހިޔަލައާއި އަލިފުޅު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޢަބްދުﷲ ނަޢީމް. (2012). ތިކިޖެހި ތާނަ ބޭނުން ނުކުރުމާމެދު އަޅުގަނޑު ދެކޭ ގޮތް. ހުޅުދާން. ކޮމް. މާލެ: ނެގީ ޖުލައި 26، 2012. http://www.hulhudhaan.com/index.php?option=com_content&view=article&id=168:2012-03-14-16-24-21&catid=59:2011-03-03-06-40-31&Itemid=100ން.
ޢަބްދުﷲ ޖަމީލު. (2012). ޓުޓިކޮރިން ބަނދަރަށް ރާއްޖޭގެ ބޯޓުތަކަށް ނުވަދެވިގެން އަނބުރާ މާލެ އަންނަނީ!. ހަވީރު ނޫސް. މާލެ: ނެގީ ޖުލައި 26، 2012. http://www.haveeru.com.mv/dhivehi/news/124885  ން.

No comments:

Post a Comment